ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދިހަ ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

01 ނޮވެމްބަރ 2018   ޚަބަރުތައް  

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދިހަ ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދިހަވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ޚާއްޞަ ޙަފްލާއެއް ބާއްވައިފިއެވެ. ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ރޭ ބޭއްވި މި ޙަފްލާ ގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ރިޓަޔަރޑް ފަނޑިޔާރުންނާއި، ކުރީގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު ފާއިޒް ޙުސައިންގެ އިތުރުން ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނާއި ކޯޓުތަކުގެ ފަނޑިޔާރުންނާއި ސުޕްރީމް ކޯޓާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ދަށު ކޯޓުތަކުގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ޙަފްލާގެ ޝަރަފުވެރި މެހެމާނަކީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދިހަ ވަނަ އަހަރީ ދުވަހުގެ މި ޚާއްޞަ ޙަފްލާގައި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 10 އަހަރު ރަމްޒުކޮށްދޭ ފޮތް ނެރެދެއްވައި، ސުޕްރީމް ކޯޓުގެ އައު ވެބްސައިޓް އިފްތިތާޙު ކޮށްދެއްވިއެވެ. މި ޙަފްލާގައި ސުޕްރީމް ކޯޓަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި މުވައްޒަފުންގެ އަގުވަޒަންކޮށް އެ މުވައްޒަފުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީވެސް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީއެވެ. އަދި މި ޙަފްލާގައި މުވައްޒަފުންގެ ފެންވަރުބެލުމުގެ ނިޒާމުން، ފާސްވެ މަތިން މާކްސް ހޯދި މުވައްޒަފުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވިއެވެ. އެ މުވައްޒަފުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ އަރީފްއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދުއެވެ. އަދި މީގެއިތުރުން، މި ޙަފްލާގައި ޖުޑީޝަރީ ހޭންޑްބޯލް ކަޕް 2018 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހޭންޑް ބޯލް ޓީމް ހޯދި ކާމިޔާބީ ފާހަގަކޮށް، އެ ޓީމުގެ ކުޅުންތެރިންނަށްވެސް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވިއެވެ. ކުޅުންތެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ދީދީއެވެ. އަދި މި ޙަފްލާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ރަން ދިހަ އަހަރު ފާހަގަކުރުމުގެ މުނާސަބަތުގައި ޚާއްޞަ ކޭކެއް ފެޅުން އޮތެވެ.
މި ޙަފްލާގައި  ވާހަކަފުޅު ދައްކަވަމުން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވަނީ، ވަކިފަރާތަކަށް ބުރަ ނުވެ ވަކިފަރާތަކުން ދައްކާނެ ބިރަކަށް ޖެހިލުން ނުވެ، ސުޕްރީމް ކޯޓުން ހަރުދަނާ ކަމާއެކު ކުރަމުން އައި މަސައްކަތް ކުރިއަށް އޮތް ތަނުގައި ވެސް މާތްﷲގެ ވާގިފުޅާއެކު ކުރިއަށް ދާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި މީގެ އިތުރުން، ޢަދުލު އިންޞާފުގެ ނިޒާމަކީ މާލީ އަދި އިދާރީ ގޮތުން ކުރަންޖެހޭ ކަންކަމުގައި ވެސް މުސްތަޤިއްލު ކަމާއި ހަރުދަނާކަމާއެކު ހިނގާ ނިޒާމަކަށް ހެދުމަކީ ވަރަށް މުހިއްމު އަދި ޟަރޫރައްތެރި ކަމެއްކަން ފާހަގަ ކުރައްވައި، ކޯޓުތަކާއި ޝަރުޢީ ދާއިރާގެ ތަރައްޤީއަށްޓަކައި ދެއްވަން ޖެހޭ މާލީ ސަޕޯޓް ފުރިހަމަ ގޮތުން ދެއްވުމަށް އުއްތަމަ ފަނޑިޔާރު އިލްތިމާސްކުރެއްވިއެވެ.