ކޯޓު ކަލަންޑަރ

  Mon  Tue  Wed  Thu  Fri  Sat  Sun
1801 02 03 04 05 06 07
19 08 09 10 11 12 13 14
20 15 16 17 18 19 20 21
21 22 23 24 25 26 27 28
22 29 30 31        

ތަޢާރަފް


ދިވެހިރާއްޖޭގެ ޢަދުލުއިންޞާފުގެ ތާރީޚުގައި އަދި ދީމިޤްރާޠީ ޙަޔާތުގައި 2008 ސެޕްޓެމްބަރ 18 ފާހަގަ ކުރެވިގެން ދަނީ ވަރަށް ޚާއްޞަ ދުވަހެއްގެ ގޮތުގައެވެ. އެއީ އެހެނިހެން މިނިވަން ދީމިޤްރާޠީ  މުޖުތަމަޢުތަކުގައި އެންމެ މަތީ ކޯޓުގެ ދައުރު ކަނޑައެޅިފައި ވާ މަފްހޫމާ އެއްގޮތަށް ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު އުފެދުނު ދުވަހެވެ.



މީލާދީ ސަނަތުން 2008 އޮގަސްޓު 8 ވީ ބުރާސްފަތި ދުވަހު ދިވެހިރާއްޖޭގައި ޢަމަލު ކުރާން ފެށި ޤާނޫނުއަސާސީން ދުނިޔޭގެ ހުރިހާ ދީމިޤްރާޠީ މުޖުތަމަޢުތަކުގެ ޖުޑީޝިއަރީތަކޭ އެއްފަދައިން ދިވެހިރާއްޖޭގެ ޖުޑީޝަރީ އަކީ ވެސް މިނިވަންކަމާއި މުސްތަޤިއްލުކަމާ އެކުގައި ހިނގާނެ ޖުޑީޝަރީއެއްކަން ކަނޑައަޅައިފައި ވެއެވެ. ދިވެހިރާއްޖޭގެ ޖުޑީޝަރީއަކީ ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންގެ މެދުގައި ޢަދުލުވެރިކަމާ އެކު ހަމަހަމަކަމުގެ އުޞޫލުން ކޮންމެ މީހެއްގެ ވެސް އަސާސީ އަދި މަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ޤާނޫނު ފިޔަވައި އެއްވެސް ފަރާތަކަށް ބޯ ނުލަނބާ، ހުރިހާ ބާވަތެއްގެ ނުފޫޒުން އެއްކިބާ ވެފައި ވާ އަދި ވަކި ފަރާތަކަށް ނުޖެހޭ މުސްތަޤިއްލު ބާރެއްކަން އައު ޤާނޫނުއަސާސީން ޔަޤީން ކޮށްދިނުމާ، އެކު ޢަދުލުއިންޞާފު ޤާއިމް ކުރުމުގެ ބާރުގެ އެންމެ މަތީ ފަރާތްކަމަށް ކަނޑައަޅައިފައި ވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓެވެ.



ޤާނޫނުއަސާސީއާއި ޤާނޫނު މާނަ ކުރުމުގައި އަދި ޝަރީޢަތުން ބަލާ އެނޫން ވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ޤާނޫނުއަސާސީގައި ބަޔާން ކޮށްފައި ވެއެވެ. އެހެންކަމުން ޤާނޫނުއަސާސީއާއި ޤާނޫނު މާނަ ކުރުމުގެ އެންމެ އިސް ފަރާތަކީ ސުޕްރީމް ކޯޓެވެ. އަދި ސުޕްރީމް ކޯޓުގެ ދައުރު ކަނޑައެޅިފައި ވަނީ ޤާނޫނުއަސާސީ އާއި ޤާނޫނުގެ ވެރިކަން ބަލަހައްޓާ ބެލެނިވެރިއްގެ ގޮތުގައެވެ. އެގޮތުން ދައުލަތުގެ އެންމެހައި ބާރުތަކާއި މުއައްސަސާތަކުން ނިންމާ ނިންމުންތައް ހުންނަނީ ޤާނޫނީ އަދި ދުސްތޫރީ އިމުގެ ތެރޭގައި ކަން ނުވަތަ ނޫން ކަން ކަނޑައެޅުމަކީ ސުޕްރީމް ކޯޓުގެ އަޞްލީ އިޙްތިޞާޞެކެވެ.



07 އޯގަސްޓް 2008 ވަނަ ދުވަހު ތަސްދީޤު ކުރެވި، 08 އޯގަސްޓް 2008 ގައި ޢަމަލު ކުރާން ފެށި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ދައުލަތުގެ ތިން ބާރު ވަކި ކޮށް ޤާއިމު ކޮށްފައި ވާ އިރު، ޢަދުލުއިންސާފު ޤާއިމު ކުރުމުގެ އެންމެހައި ބާރުތައް މަތި ކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށާއި، ހައިކޯޓަށާއި، އަދި ޤާނޫނަކުން އުފައްދާ ދަށުކޯޓުތަކަށެވެ. ދޤާނޫނުއަސާސީގެ 141  ވަނަ މާއްދާގައި ޢަދުލުއިންސާފު ޤާއިމް ކުރުމުގެ އެންމެ އިސް ފަރާތަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ކަމަށް ކަނޑައަޅައި ބަޔާންވެފައި ވެއެވެ. 



ދިވެހި ތާރީޚުގައި ސުޕްރީމް ކޯޓެއް ފުރަތަމަ ފަހަރަށް ޤާއިމު ކުރެވުނީ 18 ސެޕްޓެމްބަރ 2008 ވަނަ ދުވަހުއެވެ. ޤާނޫނުއަސާސީގެ 282 ވަނަ މާއްދާގެ ދަށުން އެކުލަވައިލެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ޢައްޔަން ކުރެވުނީ، އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް މުޖުތާޛު ފަހްމީ، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް ޔޫސުފު ޙުސައިން، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް ޢަބްދުﷲ ޢަރީފު އަދި ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް އަޙުމަދު ފާއިޒު ޙުސައިންނެވެ.



10 އޯގަސްޓް 2010 ވަނަ ދުވަހު، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ޢައްޔަން ކުރެވިފައި ވަނީ  އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް އަޙުމަދު ފާއިޒު ޙުސައިން، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް ޢަބްދުﷲ ޢަރީފު، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް ޢަލީ ޙަމީދު، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އަދި ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަސިމް އަދުނާނެވެ.



ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު 2014 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 10 ވީ ބުދަ ދުވަހު ރައްޔިތުންގެ މަޖިލިހުން ފާސް ކުރައްވައި، 11 ޑިސެންބަރު 2014 ވީ ބުރާސްފަތި ދުވަހު ރައީސުލް ޖުމްހޫރިއްޔާ އެ ބިލު ތަޞްދީޤު ކުރައްވައި ހަމަ އެ ތާރީޚުގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެވުމާ ގުޅިގެން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު ޤާނޫނަށް ގެނެވުނު އިޞްލާޙާ އެއްގޮތަށް 5 (ފަހެއް) ފަނޑިޔާރުން  ކަމުގައި ހަމަޖެހުނެވެ. މި ބަދަލަށް ފަހު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް ޢަބްދުﷲ ޢަރީފު، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް ޢަލީ ޙަމީދު، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް އާދަމް މުޙައްމަދު ޢަބްދުﷲ، އަދި ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީއެވެ.



އަދި 14 ޑިސެންބަރު 2014 މި ތާރީޚުގައި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ޢައްޔަން ކުރެވުނެވެ.